މާލެސިޓީ ކައުންސިލަށް އަލަން އިންތިހާބުވި މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ޑރ. މުއިއްޒަށް މަގާމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރާ ވާދަކޮށެވެ.
މާލެސިޓީ ކައުންސިލްގެ މެޖޯރިޓީވެސް މިފަހަރު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. މިއީ ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ ކައުންސިލެއް މާލެސިޓީގައި އޮންނާނެވެސް ފުރަތަމަ ފަހަރެވެ.
ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ 11 ގޮނޑިއެއް ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައިވެއެވެ.