Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކޮށްފި

މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކޮށްފިއެވެ.

މާލެސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާއި މޭޔަރު، މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު އޮންލައިންކޮށް ބޭރި ރަސްމިއްޔާތުގައެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު މާލެސިޓީ ކައުންސިލްގެ ބައްދަލުވުމެއް ވަނީ ބާއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑެޕިއުޓީ މޭޔަރަކު ހޮވުން ފަސްކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގާފައިވާކަމަށެވެ. އެގޮތަށް އެލްޖީއޭއިން އަންގާފައިވަނީ ޑެޕިއުޓީ މޭޔަރަކު ހޮވުމަކީ ސިއްރު ވޯޓަކުން ކުރަންޖެހޭ ކަމަށްވީއިރު މި ޖަލްސާއަކީ އޮންލައިންކޮށް ބޭއްވޭ ޖަލްސާއަކަށް ވާތީއެވެ.

އެހެންކަމުން އެންމެ ފުރަތަމަ ހުރިހާ ކައުންސިލަރުން އެކުގައި ތިބެގެން ބޭއްވޭ ޖަލްސާގައި ޑެޕިއުޓީ މޭޔަރަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ.

މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރާ ވާދަކޮށެވެ.

މާލެސިޓީ ކައުންސިލްގެ މެޖޯރިޓީވެސް މިފަހަރު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. މިއީ ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ ކައުންސިލެއް މާލެސިޓީގައި އޮންނާނެވެސް ފުރަތަމަ ފަހަރެވެ.

ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ 11 ގޮނޑިއެއް ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައިވެއެވެ.