އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އައުން މަނާ ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަޏީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. ޝިޔާމްގެ އިތުރުންވެސް ފަލަސްތީން މައްސަލައިގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެއްކަމެއްގައި ދެ ކުއްލި މައްސައެއް އޮތުމުން މަޖިލީހުން އާންމުކޮށް އަމަލުކުރާ އުސޫލުން ގުރު ލުމުން ގުރު ދިމާވެފައިވަނީ ޝިޔާމަށެވެ.
ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ ވޯޓުންނެވެ.
ޝިޔާމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީން ރައްޔިތުންނާއި ލާއިންސާނީ އަނިޔާ ދެމުން އަންނަކަމަށާއި، އަލްއަޤްސާ މިސްކިތަށްވެސް ހަމަލާ ދީފައިވާކަމަށެވެ. އަދި މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުންވެސް މަރަމުން އަންނަކަމަށް ބުނެފައިވެއެވެ.
ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނާއި އެއްކޮޅަށް އަޑުއުފުލާ މުޒާހަރާތައް ކުރަމުން އަންނަކަމަށާއި، ފަލަސްތީންގެ އާއިލާތަކަށް ލިބޭ އަނިޔާތަށް ކުށްވެރިކޮށްލައިގެން ހަމައެކަނި ތިބެވެން ނެތްކަމަށެވެ. އަދި އަމަލީ ގޮތުން ވެސް ފަލަސްތީން ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް ގޮވާލާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި އިތުރަށް ކުރެވޭނެ ކަންކަން ބަލަންޖެހޭ ކަމަށާއި، އެގޮތުން ހަމަލާތައް ހުއްޓެއްދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ޖެހޭ ކަމަށާއި، އަދި އިޒްރޭލުން މުދާ އެތެރެ ކުރުންވެސް ހުއްޓާލަންޖެހޭކަމަށެވެ.
އިޒްރޭލުން މުދާ އެތެރެ ކުރުން ހުއްޓާލުމަށް ޝިޔާމް ގޮވާލެއްވިއިރު، ރާއްޖެއަށް އިޒްރޭލުން މުދާ އެތެރެ ނުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.