ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ ޖަލްސާއިން ނެރެފިއެވެ.
މިއަދުގެ ޖަލްސާ ފެށުނީއްސުރެއް ޖާބިރު އައީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ވާހަކަދައްކަމުންނެވެ.
އެގޮތުން ޖާބިރު ވަނިީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތައް މަޖިލީހުގައި ތިބުމުން އެކަމާ ހިތްހަމަ ނުޖެހި އަޑުގަދަ ކުރައްވާފައެވެ.
މަޖިލީހުގައި އަޑުގަދަކޮށް ހަޑިހުތުބަހުން މެމްބަރުންނާ ޖާބިރު މުއާމަލާތް ކުރަމުން ދިޔައިރު، ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުالله ވަނީ ތަކުރާރުކޮށް ޖާބިރަށް ނަސޭހަތްތެރިވެފައެވެ. އަދި ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްވެސް އީވާ އެދިވަޑައިގަތެވެ.
އެހެންނަމަވެސް ޖާބިރު ހުއްޓާނުލާ އަޑުގަދަ ކުރުމުން އެންމެފަހުން ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް އެންގިއެވެ. އަދި ޖާބިރު ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ނިކުމެފައެވެ.