އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންއަންނަ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލު ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށެވެ.
މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައިވަނި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، އަދި މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ހިލާފު، މެދުއިރުމަތީގެ ސުލްހަވެރިކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ އަމަލެއްކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކުކަން ފާހަގަކޮށް މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުންމަތީގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމަށެވެ.