Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ހަރުކަށި ފިކުރާ ގުޅޭ ތަހުގީގުތައް އަވަސް ކުރުމަށް އަންގަން ފާސްކޮށްފި

މަޖިލިސް ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރާ ގުޅޭ ތަހުގީގުތައް އަވަހަށް ނިންމުމަށް ފުލުހުންނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ނިންމި ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މި ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ ވޯޓުންނެވެ.

މިމަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމައްސަލަ ބެލުމަށްފަހު 241 ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ޖުމުލަ ހަ ކަމަކަށް ލަފާ ދިނުމަށް ނިންމާފައެވެ.

އެގޮތުން ޓެރަޒިމްގެ އެފަދަ މައްސަލަތައް ތަހުގީގުކުުރުމުގައި މިހާތަނަށް ދިމާވެފައވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުުރުމަށް ފުލުހުންނަށް ދެންނެވުން ހިމެނެއެވެ. އަދި ހަރުކަށި ފިކުރާ ގުޅޭ އެންމެހައި މައްސަލަތައް އަވަސް އަދި ނަތީޖާ ނެރެވޭ ގޮތަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ކޮމިޓީ ރިޕޯޓުގައި ހިމެނާފައިވެއެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދުގެ މައްސަލައިގައި ހިމެނޭ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުުރިން އެ މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށް ދެންނެވުމާއި ތަހުގީގަށް ކަމާ ގުޅުންހުރި ފަންނީ އަދި ގާބިލު މީހުންގެ އެހީތެރިކަން ހޯދުމަށް ދެންނެވުމުގެ އިތުރުންތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭ އެންމެހައި ކަންނަކަން ކޮމިޓީއާ ހިއްސާކޮށްދެއްވުމަށް ދެންނެވުމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ.