ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ 33 މެމްބަރުންގެ ވޯޓުންނެވެ.
މީކާއިލް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މިފަހަކަށް އައިސް މީސްމީޑިއާގައާ ތަފާތު އެކިއެކި އޮންލައިން ޕްލެޓްފޯމް ތަކުގައި ވަކިވަކި ފަރުދުންނާއިމެދު ހަރުކަށި ފިކުރުގެ ތެރެއިން، ނަފްރަތު އުފައްދާ އެމީހުންގެ ލޭ ހުއްދަ ކަމަށް ގޮވާ، އެމީހުންނަކީ އިސްލާމުން ނޫންކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން އާންމު ވެފައިވާކަމަށެވެ.
އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މަރާލަންޖެހޭ ކަމަށްބުނެ ވަރަށް ފަހުންވެސް މީހަކު ފޭސްބުކްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސްޓޭޓަސްއެއް ލިޔެފައިވާ ކަމަށާއި، އަދި ރައީސް ނަޝީދަށް ދެވުނު ހަމަލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސް ކުރިއަށް ދިޔައިރު ވެސް ފޭސްބުކްގައި މަޖިލީހަކީ ގޮށްވާލަންޖެހޭ ތަނެއްކަމަށް ބުނެ މީހުން ލިޔެފައިވާކަން މީކާއިލްގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މީކާއިލްގެ މައްސަލައިގައި ބުނެފައިވަނީ ވަކިވަކި ފަރުދުން މެރުމަށް ގޮވާ ލޭ ހުއްދަކުރާ ހިސާބަށް ކަންކަން ގޮސްފައި އޮތުމުން، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައަށް ބަހުސް ކުރަމުން މީކާއިލް ވިދާޅުވީ ސިޔާސީ ކަންކަމުގައިވެސް މީހަކާ މެދު ހިތްހަމަ ނުޖެހޭ ހިސާބުން އެމީހަކަށް އަނިޔާކޮށް އެމީހާގެ ތަކެއްޗާއި ތަންތަނަށް ގެއްލުންދިނުމަށް ގޮވާލާ ގޮވާލުން މިހާރު އާންމު ވެފައިވާކަމަށެވެ.
މީކާއިލް ވިދާޅުވީ މެމްބަރު ވަހީދަށް އިންޒާރުދީ ފާޅުކަން ބޮޑުގޮތެއްގައި ދެއްކިއިރު، އެކަމަށް އެޅުނު ފިޔަވަޅެއް ނެތްކަމަށާއި، ހަމައެކަނި ކުރެވުނު ކަމަކީ އޭނާގެ ސިވިލް ސާވިސް މަސައްކަތުން ސަސްޕެންޑް ކުރުން ކަމަށެވެ.
މިކަންކަން އާންމުވެފައިވާއިރު އެކަމަށް ފިޔަވަޅު އެޅުން ދައުލަތުން ލަސްކޮށްފިނަމަ ދެން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.