ރައްޔިތުންގެ މަޖިލިސް ގޮއްވާލަން ޖެހޭކަމަށް ބުނި މައްސަލަ ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މަޖިލީހުން ބުނެފިއެވެ.
ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ފަރާތްތަކާއި މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސް ޓީވީ ޗެނަލަކުން ލައިވްކުރަމުން ދިޔަ ވަގުތު ފޭސްބުކް ލައިވްގައި މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއްކަމަށް ބުނެ މީހުން ލިޔެފައިވާކަމަށެވެ.
މީކާއިލްގެ މިވާހަކައާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ވަނީ އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލިސް ގޮއްވާލަން ޖެހޭކަމަށް ބުނެ ލިޔެފައިވާކަން ސަމާލުކަމަށް އައުމާއެކު މަޖިލީހުގެ އަމީންއާންމު އެ ކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ހަރުކަށި ފިކުރު ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ފުލުހުންގެ ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ މީހުން މެރުމަށް ފަސްނުޖެހޭ ހަރުކަށި ފިކުރު މީހުން ރާއްޖޭގައި ތިބިކަން ވެސް ފާހަގަކޮށްފައެވެ.