އެމްއެމްޕީއާރްސީގެ ލިސްޓޭ ކިޔާ، ބަޔަކު ވަގުންނަށް ހެދުމުގެ ހައްޤު ނޯންނާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ނަފްރަތު އުފައްދާ ގޮތަށް ވާހަކަ ދައްކާކަން މަޖިލީހުގައި މެމްބަރުން ފާހަގަކުރާއިރު ރައީސް މައުމޫންގެ ގެކޮޅު، ކިނބިގަސްދޮށުގެ ނެގުމަށް މަގުމަތިން ކޯޓުހަދައިގެން ބަޔަކު އުޅުނު ކަމަށެވެ. އަދި ރައީސް މައުމޫންގެ ވެރިކަން ނިމުމުން ރިޔާސީ ގަނޑުވަރަށް ކިއު ޖައްސައިގެން ރައްޔިތުން ވައްދާ އެ ގޭގެ ތަންތަން ދައްކާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ގޯސް ވަނީ ހޭޓް ސްޕީޗްތޯ ނުވަތަ ގޯސްވާންވީ ޒިންމާދާރު ކަމެއް ނެތި ކަންކުރާ މީހުންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ކަމަށްބުނެ މަޖިލީހުން އާންމު ކުރި ލިސްޓަށް އިޝާރާތްކޮށް ސައީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކޮށްފަ އެއްބައި މެމްބަރުން ވަގުންނަށް ހަދާފައިވާކަމަށާއި، އެގޮތަށް ކަންކުރުމުގައި އޮތީ ކޮން ހައްޤެއްތޯ ސުވާލު އުފައްދަވާފައެވެ.
"މި މަޖިލީހުގެ ދެބައިކޮށްފަ އެއްބައި މީހުން ވަގުންނަށް ހަދައިފި، އެމްއެމްޕީއާރްސީގެ ލިސްޓެކޭ ކިޔާފަ. ކޮން ހައްޤެއްތޯ އޮތީ، މި މަޖިލީހުގެ އެތައް ބަޔަކާ އާންމުންގެ އެތައްބަޔަކު ހަވަރަށްދީ، ކޮށާ ކަތިލަން ތިބޭފުޅުން އެމްއެމްޕީއާރްސީގެ ނަމުގައި މަގުމައްޗަށް ބޮޑު މަލާފަތަކަށް ލާފައި ދިނުމުގެ." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރެއިން ޕީޕީއެމްގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް އެމްޑީޕީގެ ފަރާތްތަކުން ދެއްކި ވާހަކަތަކަކީ ވެސް ހޭޓް ސްޕީޗް ކަމަށް ސައީދު ވިދާޅުވިއެވެ.