Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ރައީސް ވަހީދަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވަން: ވައްޑޭ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަށް ނިސްބަތްކޮށް "ކާޅަށް" ގޮވުނީތީ މިހާރު ހިތާމަ ކުރާ ކަމަސް ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ނައިބަކަށް ހުންނަވުމަށްފަހު އެމަނިކުފާނު އިސސްތިއުފާ ދެއްވުމުން ރައީސުލްޖުމްހުރިއްޔާ ކަމާ ހަވާލުވި ޑރ. ވަހީދު ކުރއްވީ ބަގާވާތެއްކަމަށް އެމްޑީޕީގެ ގިނަ އާންމު މެމްބަރުން ދެކެއެވެ.

މެމްބަރު ވައްޑު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ވަހީދަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވާކަމަށެވެ. އެހެންނަމަވެސް އެހެން ގޮވަން މެދުވެރިކުރުވީ ރައްޔިތުންގެ ވެރިކަމެއް "ކާޅެއްހެން ބަޣާވާތަކުން ޖަހައިގަނެ" ދިން އަނިޔާގެ ސަބަބުންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

މެމްބަރު ވައްޑެ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު މިއަދު މަޖިލީހުގައި ވަނީ ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކުގެ ސަަބަބުން ލިބޭ ގެއްލުމާގުޅޭ ގޮތުން ގިނަ މެމްބަރުން ވާހަކަ ދައްކާފައެވެ. އަދި ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ވާހަކަ ދައްކާ މީހުނާމެދުވެސް އަވަސް ފިޔަވަޅު އެޅުމަށް ގިނަ މެމްބަރުން މަޖިލީހުގައި ގޮވާލާފައިވެއެވެ.