Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ ކޮށްފިނަމަ މަގާމުން އިސްތިއުފާ ދޭނަން: މަހުލޫފް

އަހުމަދު މަހުލޫފް - ފޮޓޯ: ޔޫތް މިނިސްޓްރީ

އެމްއެމްޕިއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފި ނަމަ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެ ލިސްޓްގައި ވާގޮތުން މަހުލޫފްގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކޮށް ނިންމާ، ވަނީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފިނުވުމުގެ މަރުހަލާގައެވެ.

އެކަމާ ގުޅިގެން މިހާތަނަށް މަހުލޫފް އެއްޗެކޭ ބުނެފައިނުވާއިރު އެކަމަށް ގިނަ ބަޔަކު އައީ ފާޑުކިޔަމުންނެވެ. އެ މައްސަލައިގައި މަހުލޫފް މިއަދު އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ބުނެފައިވަނީ، އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ގެ ޗެކުގެ މައްސަލައިގައި 2019 ވަނަ އަހަރު ރައީސް ސޯލިހް އޭނާ ސަސްޕެންޑް ކުރިކަމަށެވެ. އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކޮށްފައި ވާކަން މަހުލޫފް ފާހަގަކޮށްފައިވެއެވެ.

"‎ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫން." މަހުލޫފް ބުނެފައިވެއެވެ.

މަހުލޫފް ބުނެފައިވަނީ ‎އޭނާގެ މައްޗަށް އެ މައްސަލައިގައި ‎ދައުވާއެއް ކޮށްފިނަމަ މަގާމުގައި އެންމެދުވަހަކުވެސް ނުހުންނާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ މަހުލޫފްގެ އެކައުންޓަށް ޖަމާވެފައިވާކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން މަހުލޫފް ބުނެފައިވަނީ އޭނާ ހިންގާފައިވަޏީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.