Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އެއިމްސް އިން ދިން ބޭހަކުން މީހަކު މަރުވި މައްސަލަ ހެލްތުން ބަލަނީ

އައިޝަތު އަޒީޒާ ޚަލީލު

އައްޑޫ ސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ (އެއިމްސް) އިން ދިން ބާރުގަދަ ބޭހަކުން ގުނަވަންތައް ފެއިލްވެގެން އަންހެނަކު މަރުވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިހާރު އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ މައްސަލަ ހެލްތް މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ.

މި ހާދިސާއާ ގުޅިގެން މަރުވެފައިވަނީ ސ.މަރަދޫ، ސަނީ ސައިޑް، އައިޝަތު އަޒީޒާ ހަލީލް އެވެ.

އަޒީޒާގެ ދަރިފުޅު އަހުމަދު ފާރިޝް ބުނީ މި މަހުގެ ދެވަނަ ދުވަހު މަންމަގެ ބުރިކަށީގައި ރިއްސާތީ އެއިމްސްގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރު، ޑރ.ރަމީ މުހައްމަދު އަބްދުލްނޫރް އަހުމަދަށް ދެއްކި ކަމަށާއި އެގޮތުން އޭނާ ދިން ބޭހުގެ ތެރޭގައި "މެތޮޓްރެކްސޭޓް" ނަމަކަށް ކިޔާ ބާރުގަދަ ބޭހެއް ހިމެނޭ ކަމަށެވެ.

"5 މިލިގްރާމުގެ 42 ގުޅަ ބޭސް (ދުވާލަކު ދެ ގުޅަ) ކާން ދިނުމުގެ ސަބަބުން ދެ ކިޑްނީ، ލިވަރ އަދި ބްލެޑަރގެ 99 އިންސައްތަ ހަލާކުވެ ފެއިލްވެގެން، އިއްޔެ ހެނދުނު 7.48 ވީއިރު، އައްޑޫ އިކުއޭޓޯރިއަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މި ދުނިޔެ ދޫކޮށްފައި. މަންމަ މަރުވެގެން ދިޔައިރު، 18 އަހަރު ނުފުރޭ ކުއްޖެއް ދުނިޔޭގައި އެބަހުރި" ފާރިޝް ބުންޏެވެ.

ފާރިޝް ބުނީ އެއިމްސް އިން ޑޮކްޓަރަށް މިކަމުގައި ފިޔަވަޅު އެޅުމަށްފަހު ގައުމަށް ފޮނުވާލި ނަމަވެސް މަންމަ ދެން އަނބުރާ ނާންނާނެ ކަމަށާއި ނަމަވެސް މި ވާހަކަ ދައްކަން ޖެހުނީ އިތުރު މީހެއްގެ ފުރާނައަށް ގެއްލުމެއްވުމުގެ ކުރިން އެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ.