އެއްވެސް މީހަކަށް އަނެކާއަކީ ކާފަރެއް ކަމަށް އަމިއްލަޔަށް ހުކުމް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާތީ އެފަދަ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މެމްބަރު މީކާއިލް ނަސީމް ހުށަހެޅި މައްސަލައަސް ވާހަކަ ދައްކަވަމުންނެވެ.
މައްސަލައަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވާހަރަކޮށް ނޫސްޔެރިވާ ރިލްވާން ގެއްލުވާލާ ބްލޮގާ ޔާމީން ރަޝީދު މަރާލާފައިވަނީމ، އެމީހުންގެ ބޮލުގައި ލާދީނީ ޓެގް އަޅުވައި ނަފްރަތު އުފައްދައިގެން ކަމަށެވެ.
ސިޔާސީ ގޮތުން ދައްކާ ވާހަކައާ ދީނުގެ ނަމުގައި ނަފްރަތު އުފެދޭ ގޮތަށް ދެކެވޭ ވާހަކައިގެ ތަފާޓު ދެނެގަންނަން ޖެހޭކަމަށް އިންތި ވިދާޅުވިއެވެ. އަދި ދީނުގެ ނަމުގައި ނަފްރަތު އުފައްދައިގެން އަނެއްކެއްގެ ފުރާނަ ދުއްވާލުމަށް މަގުފަހިވާ ގޮތަށް ޖާގަ ދިނުމަކީ ރާއްޖޭގެ ގާނޫނުތައްވެސް ދަންނަ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންނާ ދިމާލަށް އިނގިލި ދިއްކޮށްފައި އެއީ ކާފަރެކޭ, މިއީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ، އަމިއްލަ ހުކުމްތަކެއް ނުނެރެވޭނެ. އަމިއްލައަށް ހުކުމްތައް ނެރެގެން މީހުން ގަތުލުކުރުމަށް ނުގޮވޭނެ." އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެއް ދިނީ އިލްމުވެރިޔަކު އަނެއް ދީނީ އިލްމުވެރިޔަކު ވެސް ކާފަރުކޮށް އިސްލާމް ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނަމުންދާ ކަމަށާއި އެގޮތަށްވެސް އަމަލު ނުކުރެވޭނެ ކަމަށެވެ.