Last Updated: July 22, 17:21
Wednesday, July 22, 2026
ކުޅިވަރު

ފަސް އަހަރަށްފަހު ބެންޒެމާ އެނބުރި ފްރާންސްގެ ސްކޮޑަށް

ފަސް އަހަރަށްފަހު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް، ކަރީމް ބެންޒެމާ އަށް ޔޫރޯއަށްދާ ފްރާންސްގެ ސްކޮޑުން ޖާގަ ދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބެންޒެމާ އަށް ފްރާންސްގެ ސްކޮޑުން ޖާގަ ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. ބެންޒެމާ އެންމެފަހުން ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2016 ވަނަ އަހަރުއެވެ.

ޔޫރޯއަށްދާ ފްރާންސްގެ ގައުމީ ޓީމުގެ 26 ކުޅުންތެރިންގެ ސްކޮޑު މިރޭ އިއުލާން ކުރުމަށް ހަމަޖެހިފައިވާއިިރު، ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިރޭ އިއުލާންކުރާ ސްކޮޑުން ބެންޒެމާ އަށް ޖާގަ ދިނުމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ ނިންމާފައެވެ. އެގޮތުން ބެންޒެމާ ގައުމީ ޓީމުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 19 ނަމްބަރު ޖޯޒީ އެވެ.

ފްރާންސްގެ ސްކޮޑުން ބެންޒެމާ އަށް އަލުން ޖާގަ ދޭން ނިންމާފައިވާއިރު، ފްރާންސް އިން ބޭރުގައި ކުޅޭ އެގައުމުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ވެސް މިފަހަރު ލިބިފައިވަނީ ބެންޒެމާ އަށެވެ.

ރެއާލް މެޑްރިޑްގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ބެންޒެމާގެ ފަރާތުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ރެއާލް އަށް ކުޅެދިން 45 މެޗުގައި 29 ގޯލު ކާމިޔާބުކޮށްދީފައެވެ.

އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް ޔޫރޯގައި ލައްވާލާފައިވަނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ޖަރުމަނާއި، ޕޯޗުގަލްގެ އިތުރުން ހަންގޭރީއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ފްރާންސް ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.