ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ އެބަލި މެނޭޖް ކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 12 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ބަލައިގަތުމަށް ނުފެންނަ ކަމަށް 18 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ވަރަށް ބޮޑަށް ފެތުރެމުން އަންނައިރު، ވަސީލަތްތައް ގާއިމު ކުރުމަށާއި އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
އެގޮތުން މާލެއާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ. އަދި ރަށްރަށުގައި ނަގާ ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވާކަމަށާއި، އަދި މިކަމުގައި ހަރަކާތްތެރިވާ ސިއްހީ ފަރާތްތައް ވަރުބަލިވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް ގޮވާލާކަމަށް މައްސަލައިގައިވެއެވެ.