Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ހުޅުދެލި ބަނދަރު މަސައްކަތުގެ އަޕްޑޭޓް ދީފި

ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަޕްޑޭޓް އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް 17 މެއި ގައި ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އަދި މަގު ބައްތި ހަރުކުރުމާއި، 1،645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މި މަޝްރޫޢަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.