އެތައް ދުވަހެއްގެ ދިގު އިންތިޒާރަށްފަހު ރައީސަކު ހުވާކޮށް ގައުމު ހިންގަން މިވަނީ ފަށާފަ އެވެ. ހަމަ އެއާއިއެކު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އަނެއްކާވެސް މިވަނީ އިންތިހާބެއް ބޯމަތިވެފަ އެވެ.
ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދްމަތް ގާތުން ފޯރުކޮށްދިނުމަށް ގެނެވުނު "ޚަރަދު ބޮޑު" ލާމަރުކަޒީ އުސޫލުން ކައުންސިލަރުން ހޮވާ އެފަރާތަތަކާއި ދެވަނަ ފަހަރަށް ޒިއްމާ ހަވާލުކުރާ ވަގުތު މިއޮތީ ބޯމަތިވެފައެވެ. އެހެންވެ ފާއިތުވި ތަނަށް ބަލާލާ ބޮޑެތި ބަދަލުތަކެއް ކައުންސިލްތަކަށް ގެންނާން އެބަ ޖެހެ އެވެ.
ފެބްރުއަރީ 26، 2010 ވަނަ ދުވަހު ހުވާކުރި ކައުންސިލްތަކުގެ ދައުރު ހަމަވެ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންތިހާބް ބާއްވަން ނިންމާފައިވާއިރު އަދިވެސް ކައުންސިލްތަކާއި ގުޅޭ ހަރުދަނާ ގަވާއިދެއް ހެދިފައި ނުވެއެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ އޮތީ ވާގިނެތިފައެވެ.
ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ ހިދްމަތްތައް ގާނޫނުގައި ބަޔާން ކުރެވިފައި އޮތަސް އެކަންކަން ހާސިލްވާ މިންވަރާއި އެކަން ކަމާއި ގުޅިގެން ކައުންސިލްތައް ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް މިހާތަނަށް އެކުލަވާލެވިފައިނުވެއެވެ. އެހެންވެ ކައުންސިލަރުން މިހާތަނަށް އުޅެފައިވަނީ ހިތު ހުރި ގޮތަށެވެ.
ރަސްމީގަޑީގައި މަހަށްދިއުމާއި، ދުވާލު ހަތަރުދަމު ކޮފީ މޭޒުދޮށުން އެމީހަކަށް ފެނުނު ބަޔަކަށް ދައުލަތުގެ މުދާ ބަހާ ހުސްކުރަމުން ދިޔަ އިރު މިނިވަން މުވައްސަސާތަކުގެ ވެރިން އެކައުންސިލަރުންގެ ފަހަތުން ދުވުން ނޫން ކަމެއް މިދިޔަ 3 އަހަރުގައި ނުވެއެވެ. އެހެންވެ އެކަންކަން ތަކުރާރުވާކަށް ގިނަ ބަޔަކު ނޭދެއެވެ.
ކައުންސިލްތަކުގެ އިންތިހާބްގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހަފްތާ ތެރޭގައި ހުޅުވާލާއިރު މިހާރުވެސް ގިނަ ބަޔަކު އެކަމަށް ޝައުގުވެރިކަން ވަނީ ފާޅުކުރަން ފަށާފައެވެ. ހާއްސަކޮށް ކައުންސިލްތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންނެވެ.
ރާއްޖޭގައި އޮތް ދެ ސިޓީ ކައުންސިލްގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލުން ވެސް ފާއިތުވި ތިން އަހަރު ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ. އެކަމަކު ރައްޔިތުންގެ ފައިސާއިންވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ.
ސާކް ސަމިޓް ދުވަސްވަރު އައްޑޫ ބޭނުން ގޮތަކަށް ތަރައްޤީކޮށްލާން ކައުންސިލަށް ފުރުސަތު ލިބުނެވެ. އެކަމަކު އެކަމެއް ނުވިއެވެ. ކައުންސިލަށް ކުރެވުނު ހާވެސް ކަމަކީ އައްޑޫގެ ތަރައްޤީއަށް ހުރަސް އެޅުމެވެ. ހިތަދޫ ބޮޑު މަގު ހަދުމަށް ހުރަސް އެޅިއެވެ. ސަދަން ޔޫޓިލިޓީ ކުންފުންނިން އައްޑުގައި ކުރި މަސައްކަތަށް ފާޅުގައި ދެކޮޅު ހެދިއެވެ.
ކައުންސިލްގައި ވަކި ފެކްޝަންތައް ހެދި އެތަނުގައި ތިބި ވެހިކަލްތަކާއި ހެދި ޒުވާބުކޮށް އެކަކު އަނެކަކަށް ހުތުރު އެއްޗެހި ގޮވި މަންޒަރު އެތައް ފަހަރަކު ފެނިގެންދިޔައެވެ. އަނެއް ކޮޅުން ކައުންސިލްގެ ފައިސާއިން ވެހިކަލްތަކަށް ތެޔޮ އަޅައިގެން ރަށްޓެހިން ގޮވައިގެން ދުއްވުން ނޫން ކަމެއް ނުކުރެވެއެވެ.
ކައުންސިލް ބައްދަލުވުންތަކަށް ހާޒިރު ނުވެގެން އެތައް ބައްދަލުވުމެއް ކެންސަލް ކުރާން ޖެހުނެވެ. ގަވާއިދާއި ހިލާފަށް އަވަށު ބޯޑު އުފައްދައި އެތައް މިލިއަން ރުފިޔާ ހަރަދުކޮށްގެން އެންޓި ކޮރަޕްޝަނުން އެކަން ހުއްޓުމަށް އެންގުމުންވެސް އެކަމާއި ދެކޮޅުހެދިއެވެ. ކޯޓުތަކަށް ގޮން ޖައްސަވައި ހިތުހުރި ބަޔަކަށް ދައުލަތުގެ ބިންތައް ބަހާފައިވެއެވެ. އެކަމައި ހެދި އައްޑޫގެ މޭޔަރަށް އެތައް ފަހަރަކު ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވިއެވެ.
ކައުންސިލުގެ 3 އަހަރު ނިމޭއިރު ރައްޔިތުންނާއި ބައްދަލު ނުކުރެއެވެ. ކޮންމެ 6 މަހަކުން ނެރެންޖެހޭ ކައުންސިލްގެ ރިޕޯޓްތައް 3 އަހަރު އެއްކޮށް އާއްމުކުރީ މީގެ ދެމަހެއްހާ ދުވަސް ކުރީންނެވެ. އޭގައި ހަގީގަތާއި ހިލާފް އެތައް ވާހަކަތަކެއް ވަނީ ހިމަނާފައެވެ.
އައްޑޫ ސިޓީ ކައުންސިލް ފެނިގެން ގޮސްފައިވަނީ ސިޔާސީ ޕާޓީއެއްގެ މައި އޮފީހެއްގެ ގޮތުގައެވެ. މޭޔަރާއި އެހެނިހެން ކައުންސިލަރުން މުޒާހަރާތަކުގެ ކުރީ ސަފުން ފެނިގެން ގޮސްފައިވެއެވެ. "އައްޑޫ ބޮޑު ހުޅު" ފެށުނު ގަމު ޕޮލިސް ސްޓެޝަން ކައިރިއަށް އެއްވި މީހުންގެ ކުރީ ސަފުގައި ތިބީ ވެސް ކައުންސިލަރުންނެވެ. އައްޑޫ އަންދާލި މައްސަލާގައި ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރަން ވަނީ ޕީޖީއަށް ފޮނުވާފައެވެ.
މިކަހަލަ އެތައް ވާހަކަ ތަކެއް މީގައި ހިމެނިދާނެއެވެ. އެކަމަކުން ދެން ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ. އަނެއްކާވެސް ރައްޔިތުންނަށް މިވަނީ ފުރުސަތު ލިބިފައެވެ. އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ލާ ވޯޓުން މިކަން ކަން ބަދަލު ކުރެވިދާނެއެވެ. ފަނާ ކުރާނެ ބައެއްގެ ބަދަލުގައި ބިނާ ކުރާނެ ބަޔަކު ނެގިދާނެއެވެ. މާޒީން ފިލާވަޅުތަކެއް ލިބި ދެން އޮތް ކައުންސިލް އިންތިހާބުގައި ބަދަލު ގެންނަން ޖެހެއެވެ.