Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

އައްޑޫގައި ހަވީރު ހަތަރަކުން ފެށިގެން ކާފިއު ހިންގަނީ

އައްޑޫ ސިޓީގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫގައި ކޮވިޑް-19 އިން ރައްކާތެރިވާން މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހަވީރު ހަތަރަކުން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ. މީގެކުރިން ކާފިއު ހިންގަމުން އައީ ހަވީރު 6 އިން ފެށިގެން ފަތިހު ހަތަރަކާއި ހަމައަށެވެ.

މީގެއިތުރުން އައްޑޫގައި މީގެކުރިން އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓަން ވެސް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އޭގެތެރޭގައި އައްޑޫގައި އެއް އަވަށުން އަނެއް އަވަށަށް އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުން ހިމެނެއެވެ.

މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ކާފިއު ވަގުތުގައި އެ ދެ ހިދުމަތް ވެސް ނުދެވޭނެއެވެ.

އައްޑޫގައި މިވަގުތު ކޮވިޑްގެ 112 އެކްޓިވް ކޭސް އުޅޭއިރު ބައްޔަށް ޕޮޒިޓިވްވި 22 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.