Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

އީސަ ހައްޔަރު ކުރުން ލަސްވާތީ ހައިތަމް ނުރުހުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ނުކޮށް ލަސްވާތީ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ނުރުހުން ފާޅުކޮށްފިއެވެ.

މެމްބަރު އީސަ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު މެމްބަރު އީސަ ހައްޔަރު ކުރުމަށް ގޮވާލަމުން އަންނައިރު، މެމްބަރު ހައިތަމްވެސް ވަނީ އީސަ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

އެގޮތުން ހައިތަލް ކުރި ޓްވީޓެއްގައި ވަނީ އީސަ ހައްޔަރުކުރުން ލަސްވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި އީސަގެ އަމަލު ތަކަކީ އެހެން މެމްބަރުންނަށް ހުރި ލަދެއްކަމަށް ވެސް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި އަންހެނުންނަށް އަނިޔާކުރި މައްސަލައެކެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކުރީ އޭނާ ދިރިއުޅޭ އިމާރާތުގައި އުޅޭ އަވަށްޓެރިއެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) އާއެވެ.