ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް އެ ކޮމިޓީގައި ހިމެނޭ މެމްބަރުން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުނުް ވިދާޅުވީ، އީސަ މުގައްރިރު ކަމުން ވަކިކުރުމަށް އިޖްތިމާއީ ކޮމިޓީގެ ތިންބައި ކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާކަމަށެވެ.
އީސަ ކޮމިޓީ މުގައްރިރުކަމުން ވަކިކުރުމަށް ކޮމިޓީގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާއިރު، އެ ބެލެވޭނީ ނޯޓިސްއެއްގެ ގޮތުގައެވެ. އަދި އީސަ މުގައްރިރުކަމުން ވަކިވާނީ މެންބަރުންގެ މެދުގައި ވޯޓެއް ނަގައި އަގުލަބިއްޔަތުން ފާސްކޮށްގެނެވެ.
އިޖުތިމާއީ ކޮމިޓީގައި އެންމެ މެމްބަރެއް ފިޔަވާ އެހެން ހުރިހާ މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.
އީސަ އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.