Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

އީސަ ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދިއްޖެ

ގެވެށި އަނިޔާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅޫދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހައްޔަރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓު އަމުރަކަށް އެދިއްޖެއެވެ.

މެމްބަރު އީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައިވޭތޯ ޕީޖީގެ މީޑިއާ އޮފިޝަލާ "އައްޑޫލައިވް"އިން ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވަނީ އެފަދަ އަމުރަކަށް އެދިފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކުން ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެދޭނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.

އީސަ އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެފައިވާއިރު، އީސަ މުގައްރިރުކަން ކުރަމުން އަންނަ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރުމަށް އެ ކޮމިޓީގެ މެމްބަރުން ވަނީ އެދިފައެވެ.