Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

އިސްދޫ އަދި ނެއްލައިދޫ ބަނދަރު މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ލ. އިސްދޫ ބަނދަރު މަޝްރޫއު--

ލ.އިސްދޫ އަދި ހދ. ނެއްލައިދޫ ބަނދަރު މަޝްރޫއުގެ ބޮޑުބައެއްގެ ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނެފައިވަނީ ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށާއި، އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1،560 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.