ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް ބޭއްވި ބައްދަލުވުން ކޮމިޓީ މެމްބަރުން ހަމަނުވުމުން ނިންމާލައިފިއެވެ.
އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ކޮމިޓީގެ ނައިބު މުގައްރިރު ހުސަައިން ފިރުޝާން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް އަދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.
ކޮމިޓީގެ ބައްދަލުވުން ނިންމާލަމުން ނައިބު މުގައްރިރު ފިރުޝާން ވިދާޅުވީ، ކޮމިޓީގައި ވޯޓިން ކޯރަމް ނެތްކަމަށެވެ. މުގައްރިރުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ޗެއާނުލާ ފަސް މެމްބަރުން ބޭނުންވާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކޮމިޓީގައި ދެން ބާކީތިބި ތިން މެމްބަރުންނާ ގުޅައިގެން ކޮމިޓީގައި ބައިވެރިވެވޭތޯ. އެހެންނަމަވެސް ވާގޮތެއް ނުވީމަ ވޯޓު ނެގުން ފަސްކޮށްލާފަ މިވަގުތު ކޮމިޓީ ނިންމާލާނަން." ފިރުޝާން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމަށް ކޮމިޓީގައި ބައިވެރިވެފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިިން ފިރުޝާން، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ހިންނަވަރު ދާާއިރާގެ މެމްބަރު ޖީހާން މުހުމޫދް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މިކޮމިޓީއަކީ ޖުމުލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއެކެވެ.