މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ފާތިހު ހައްޔަރު ކޮށްފައިވަނީ ރޭ ބ. ދަރަވަންދޫއިންނެވެ.
އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ޖުމުލަ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު މިހާރު އަންނަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.