ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ދިފާއު ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އީސަ އޭނާގެ ދަރިފުޅާއެކު ނަގާފައިވާ ފޮޓޮއެއް ހިއްސާކޮށް ޤާސިމް ވިދާޅުވެފައިވަނީ، އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ޤަބޫލުކުރަން ވަރަށް ދަތި ކަމަށެވެ.
"އަންހެނަކު ހަދާފާނެ ކޮންމެފަދަ ދޮގެއްވެސް. (އަދި ފިރިހެނުންވެސް) ވީމާ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ދެކެން. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ގެވެށި އަނިޔާގެ ޤާނޫނު އެވަނީ ހައްދެއް ނެތް މިންވަރަށް އަންހެން ބޭފުޅުން ހިމާޔަތް ކުރާގޮތަށް ހަދާފައިވާ ގާނޫނެއް." ޤާސިމްގެ މެސެޖުގައި ވެއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ، ތަހުގީގެއް ކުރުމަށްޓަކާ މީހަކު ހައްޔަރު ކުރެވޭނީ ހަތަރު ސަބަބެއް ފުލުހުން ސާބިތު ކޮށްދެވިގެން ކަމަށެވެ. ނޫންނަމަ ޤާނޫނުއަސާސީއާ ހިލާފު ވާނެ ކަމަށެވެ.
މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރު ކޮށްގެން ނުވާނެކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ. އަދި އެއީ އިންސާފުން ބޭރުން އެފަރާތަކަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ތަހުގީގު ކުރެވެންވާނީ ހަމަ އެކަކުވެސް ބަންދު ނުކޮށް ބަހައްޓައިގެން އަދުލުވެރިކަމާއެކު އިންސާފުން." ޤާސިމް ވިދާޅުވެފައިވެއެވެ.
އީސަ އޭނާގެ އަންހެނުންނަށް އަނިޔާކޮށް ދަރިފުޅަށް ގެއްލުން ދޭނެކަމަށް ބުނި މައްސަލައެއްގައި ހައްޔަރު ކުރުމަށް ޕީޖީން ވަނީ ކޯޓު އަމުރަކަށްވެސް އެދިފައެވެ.