އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިސްތިއުފާ ދެއްވައިފިއެވެ.
އީސަ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރެވެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދީފައިވާކަމަށެވެ.
"ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައިނުވާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އީސަގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އީސަގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންނާ މެދު އޭނާގެ އިތުބާރު އޮތް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދޭނެ ކަމަށެވެ.
އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ އަމިއްލަޔަށް އިސްތިއުފާ ދެއްވިއިރު، އީސަ އެމަގާމުން ދުރުކުރުމަށް ވޯޓެއް ނެގުމަށް މިއަދު އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.
އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ކޮމިޓީގެ ނައިބު މުގައްރިރު ހުސަައިން ފިރުޝާން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް އަދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. އެހެންނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން އެ ބައްދަލުވުން ވަނީ ނިންމާލާފައެވެ.