ފުވައްމުލަކުސިޓީއިން އިތުރު 71 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްގެންދިޔަ ފުވައްމުލަކު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދިފައިވާ ގޮތުގައި އިއްޔެގެ 18:00 އިން ފެށިގެން މިއަދުގެ މީހަތަނަށް ލިބިފައިވާ ނަތީޖާތަކުން ޖުމްލަ 71 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 221 އަށް އަރާފައިވާ ކަމަށެވެ.
މިއަދަކީ އެއް ދުވަސްތެރޭ ފުވައްމުލަކުން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
ކޮވިޑްގެ ނުރައްކާ ފުވައްމުލަކުގައި ބޮޑުވެފައިވާތީ އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 4 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ. މީގެކުރިން ކާފިއު ހިންގަމުން އައިސްފައިވަނީ ހަވީރު 6 އިން ފަތިހު ހަތަރަކަށެވެ.
އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ކާފިއު ވަގުތުގައި އެ ދެ ހިދުމަތް ވެސް ނުދެވޭނެއެވެ.