Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ސިޔާސީ ދާއިރާއިން ގާސިމް ދުރަށްދާންޖެހޭ: އާޒިމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް، ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ގޮވާލައްވައިފިއެވެ.

އާޒިމާ މިކަމަށް ގޮވާލައްވާފައިމިވަނީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ދިފާއު ކުރައްވާ ގާސިމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އީސަ އޭނާގެ ދަރިފުޅާއެކު ނަގާފައިވާ ފޮޓޮއެއް ހިއްސާކޮށް ޤާސިމް ވިދާޅުވެފައިވަނީ، އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ޤަބޫލުކުރަން ވަރަށް ދަތި ކަމަށެވެ.

"އަންހެނަކު ހަދާފާނެ ކޮންމެފަދަ ދޮގެއްވެސް. (އަދި ފިރިހެނުންވެސް) ވީމާ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ދެކެން. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ގެވެށި އަނިޔާގެ ޤާނޫނު އެވަނީ ހައްދެއް ނެތް މިންވަރަށް އަންހެން ބޭފުޅުން ހިމާޔަތް ކުރާގޮތަށް ހަދާފައިވާ ގާނޫނެއް." ޤާސިމްގެ މެސެޖުގައި ވެއެވެ.

މި ވާހަކަތަކާ ގުޅިގެން އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ޕާޓީއެއްގެ ލީޑަރެއްތޯ އާއި އަދި ގައުމުގެ ވެރިކަމަށް އައުމުގެ އުއްމީދުގައި ހުންނެވި ބޭފުޅުއްތޯ ސުވާލުކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާތޯ ތިޔަ ވިދާޅުވެވޭވެ އެއްޗެއް؟" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ގާސިމް އިސްތިއުފާ ދެއްވަންވީ ހަމައެކަނި މަޖިލީހަކުން ވެސް ނޫން ކަމަށާއި ސިޔާސީ މަސައްކަތުންވެސް އެކަހެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ގާސިމްގެ މި ވާހަކަތަކާ މެދު ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ ދެކެވަޑައިގަންނަވާ ގޮތް އިނގެން ބޭނުންވާ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"ލަދުވެތި، ހީއެއް ނުވޭ ދުނިޔޭގަ މިވަރުގެ ކަމެއް ފެނިދާނެ ހެނެއް" އާޒިމާ ވިދާޅުވިއެވެ.

އީސަ އޭނާގެ އަންހެނުންނަށް އަނިޔާކޮށް ދަރިފުޅަށް ގެއްލުން ދޭނެކަމަށް ބުނި މައްސަލައެއްގައި ހައްޔަރު ކުރުމަށް ޕީޖީން ވަނީ ކޯޓު އަމުރަކަށްވެސް އެދިފައެވެ.