ތަހުގީގަށްޓަކައި މީހުން ހައްޔަރު ކުރެވޭކަމަށް ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަ ކަމަށާއި، އެހެންނަމަވެސް ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަހުޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށްކަމަށާއި، އަދި އެގޮތަށް ގަބޫލުކުރެވެނީ ތަހުޤީޤު ކުރަން ފަސޭހަވާނެ ކަމަށް ދެކިގެން ކަމަށެވެ.
"ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫނެވެ." ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ ލިޔުނު މީހުންގެ ވިސްނުން ހުރީ، ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރު ކުރުމާއި ދުރަށްކަމަށާއި، އަދި އެމީހުން ޤާނޫނު ލިޔެފައި އޮތީ ތުހުމަތު ކުރެވޭ މީހާގެ ހައްޤުތައް ހިމާޔަތް ކުރެވޭ ގޮތަށްކަމަށެވެ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތު ކުރެވޭ މީހުން މިނިވަންކުރުން)ގައި ބުނެފައިވަނީ، "އެމީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީއަތުން ހުކުމެއްކުރުމުގެ ކުރިން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެއެވެ." މިހެންނެވެ.
ޝަމީމް އޭނާގެ ބްލޮގްގައި މި ގޮތަށް ލިޔުއްވާފައިމިވަނީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ޕީޖީގައި އެދުމުން އެ އަމުރަށް ކްރިމިނަލް ކޯޓުގައި އެދި ކޯޓުން އެ އަމުރު ނުދޭން ނިންމާފައިވަނި ކޮށެވެ. އެ މައްސަލަ ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ޕީޖީން މައުލޫމާތުދެއެވެ.