Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

ރައީސް ނަޝީދުގެ ސަޕޯޓަރުން: "ކާކުހޭ ފަންޑުކުރީ؟"

ބޮމުގެ ހަމަލާއިން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށްފަހު--

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަންޑު ކުރި މީހަކު ހޯދަން ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ.

މޭ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅެއްވާ ގެކޮޅު ކައިރިން އައި.އީ.ޑީ ބޮމެއް ގޮށްވާލައިގެން ދިން ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާއިރު އެމަނިކުފާނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފޮނުވާފައެވެ. އަދި ޖަރުމަނުގެ ހޮސްޕިޓަލުގައިވެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

މި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށް ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަޑުއުފުލަމުން އަންނައިރު، ކަމާގުޅޭ އިދާރާތަކުން އަދި މިހާތަނަށް އެކަމާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ.

ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކުރާ ސުވާލުތަކަށް ގިނަ ފަހަރު ފުލުހުން ދެއްވާ ޖަވާބަކީ ތަހުގީގަށް އަދި ޝަރީއަތަށް ހުރަސް އެޅިދާނެތީ ތަފްސީލީ މައުލޫމާތުތައް ހިއްސާ ކުރެވެން ނެތްކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހަމައެކަނި ހަމަލާ ދިން މީހުން ހައްޔަރުކުރާ ހިސާބުން މައްސަލަ ނިންމާނުލާނެ ކަމަށާއި، އަދި ފަންޑް ކުރި މީހުންވެސް ހޯދާނެ ކަމަށެވެ.

ރައިސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ނިންމާ އެ މަސައްކަތް ކުރަމުން އަންނައިރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އަންނަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ މައްސަލަ ބަލަމުންނެވެ.