Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

ސިފައިން ހަދާ ކޮވިޑް ފެސިލިޓީގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެ

ފޮޓޯ: އެމްއެންޑީއެފް

އެފްއޭއެމް ބިލްޑިން ހުރި އިމާރާތުގައި ސިފައިން ހަދަމުންދާ ކޯވިޑް ފެސިލިޓީގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މި މަސައްކަތަކީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ސިފައިންނަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތް ސިފައިން ފަށާފައިވަނީ 2021 މެއި 17 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ހުއްޓާނުލައި މަސައްކަތްކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ކުރެވެމުންދާ ކަމަށް ސިފައިން މައުލޫމާތުދެއެވެ. އެގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި، ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ވެސް ސިފައިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ.

އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، އެމްއެންޑީއެފް ސަރވސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.

ސިފައިން ކުރަމުންދާ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.