މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހް ކުރިން ފުލުހުންގެ ވަޒީފާ އަދާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފާތިހުއަކީ ފުލުހުންގެ ވަޒީފާގައި ކުރިން އުޅުނު މީހެއް ކަމަށާއި އޭނާ ފުލުސް ވަޒީފާ ދޫކޮށްލީ މި އަހަރު ކަމަށެވެ. އަދި ވަޒީފާއިން ވަކިވީ އަމިއްލައަށް ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
އުމުރުން 23 އަހަރުގެ ލ. ގަމަށް ނިސްބަތްވާ ފާތިހު ހައްޔަރުކޮށްފައިވަނީ މޭ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫއިންނެވެ.
އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވަނީ މޭ 20 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފާތިހުގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.