Last Updated: May 4, 11:48
Saturday, May 4, 2024
ޚަބަރު

ފުވައްމުލަކުން އިތުރު 44 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު 44 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން 39 މީހުންނަކީ ކޮންޓެެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން ޓެސްޓު ކުރި މީހުން ކަމަށެވެ. އަދި ހަތަރު ކޭސް އަކީ ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށްވާއިރު އަނެއް ކޭސް އަކީ ފްލޫ ކްލިނިކުން ނެގުނު ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ.

ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ބިދޭސީއަކު ހިމެނޭ ކަމަށާއި މިއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

މި ކޭސްތަކާއެކު ފުވައްމުލަކުގައި މިވަގުތު 245 އެކްޓިވް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. މީގެތެރޭގައި ހިމެނެނީ 227 ދިވެހިންނާއި 18 ބިދޭސީންނެވެ.

ކޮވިޑްގެ ނުރައްކާ ފުވައްމުލަކުގައި ބޮޑުވެފައިވާތީ އެޗްޕީއޭ އިން ވަނީ ހަތް ދުވަހުގެ މުއްދަތަށް އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ހަވީރު 4 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ. މީގެކުރިން ކާފިއު ހިންގަމުން އައިސްފައިވަނީ ހަވީރު 6 އިން ފަތިހު ހަތަރަކަށެވެ.

އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ކާފިއު ވަގުތުގައި އެ ދެ ހިދުމަތް ވެސް ނުދެވޭނެއެވެ.