ފަހު މެޗުން ރެއާލް ވަޔަޑޮލިޑް އަތުން 2-1 އިން މޮޅުވެ، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތްލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.
އެ ޓީމު ލީގު މި ހޯދީ 38 މެޗުން 86 ޕޮއިންޓް ހަމަކޮށްގެންނެވެ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 84 ޕޮއިންޓު ކަމަށްވާއިރު، 79 ޕޮއިންޓާ އެކު ލީގުގެ ތިންވަނަ މަގާމު ހޯދީ ބާސެލޯނާ އެވެ.
މިއީ 2014 ވަނަ އަހަރަށްފަހު އެތްލެޓިކޯ އިން ސްޕެނިޝް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ވަޔަޑޮލިޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 18 ވަނަ މިނެޓްގައި އޮސްކާ ޕްލާނޯ ވަނީ ވަޔަޑޮލިޑް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި އެންހެލް ކޮރީޔާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެތްލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އެތްލެޓިކޯ މޮޅުވި ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
އެތްލެޓިކޯ އިން ލީގު ކާމިޔާބުކުރިއިރު އެޓީމާ އެންމެ ގާތުން ލީގަށް ވާދަކުރި ރެއާލް މެޑްރިޑް މިރޭ ވަނީ ވިޔަރެއާލްގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ. ރެއާލްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އާއި ލޫކާ މޮޑްރިޗް އެވެ. އަދި ލީގުގެ ތިންވަނަ ހޯދި ބާސެލޯނާ އިން ވަނީ އަމިއްލަ ދަނޑުގައި މިރޭ 1-0 އިން އެއިބާގެ މައްޗަށް ކުރި ހޯދާފައެވެ. ބާސާގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަން އެވެ.