މުލިއާގެ ކައިރީ އައި.އީ.ޑީ އެއް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ބޭއްވި މައްސަލައިގައި ޖަލަށް ހުކުމް ކުރި ތަލްހަތް މުހައްމަދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
2015 ވަނަ އަހަރު ނޮވެމްބަރު މަހު މުލިއާގެ ކައިރީގައި އައި.އީ.ޑީ އެއް ބޭއްވި މައްސަލައިގައި 17 އަހަރަށް ޖަލަށް ހުކުމް ކުރި ތަލްހަތުގެ ފަރާތުން ސުޕްރިމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއިރު، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
މައްސަލައިގެ ހުކުމް އިއްވަމުން ސުޕްރީމް ކޯޓުން ބުނެފައިވަނީ، ދައުވާގެ ސީޣާގައި ބުނާ ގޮތަށް، ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ވާނީ އައި.އީ.ޑީ ކަމަށް ބުނާ އެއްޗަކީ އަސްލެއް ކަމަށް ވެގެން ކަމަށެވެ. ދަށު ކޯޓުގައި ތަލްހަތު ވަނީ މުލިއާގެ ކައިރީގައި އޮތް އެއްޗަކީ އަސްލު އެއްޗެއް ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެމްއެންޑިއެފްގެ ތެރެއިން ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ހާޒިރުކޮށް ނެގި ބަޔާންތަކަށް ފަހުއެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ބޭއްވި އައި.އީ.ޑީއަކީ އަސްލެއް ކަމާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. މީގެ އިތުރުން އައި.އީ.ޑީ ގޮވައިފިނަމަ ލިބޭނެ ގެއްލުންވެސް ވަޒަންކުރަން ނޭންގޭ ކަމަށާއި، އެ ނައްތާލުމުގައި އަމަލުކުރި ގޮތުގެ ލިޔެކިޔުންވެސް ހުށަހަޅާފައިި ނުވާކަމަށެވެ.
މީގެ އިތުރުން ހުކުމްގައި ބުނެފައިވަނީ ހުށަހަޅާފައިވާ ވީޑީއޯގައި ފެންނަނީ ހަމައެކަނި އަތަށް އަންގިއެއް ލައިގެން އައިއީޑީ ކަމަށް ބުނާ އެތި، ޕިކަޕްގެ ތެޔޮ ޓޭންކް މަތިން ނަގާތަން ކަމަށާއި، "ބޮމެއްކަމަށް ބުނާ އެތި އަތުން ނެގުމަށްފަހު އޮތްތަނުގައި އަލުން ބާއްވާލީ މީހަކު ފިހާރައެއްގެ ހަރުގަނޑަކުން އެއްޗެއް ނަގައި ބަލާލުމަށްފަހު ބާއްވާލާ ގޮތަށް" ކަމަށެވެ. އަދި އެ އައި.އީ.ޑީ އާމެދު އަމަލުކޮށްފައިވާގޮތުން ވެސް އެއީ ނުރައްކާތެރި އެއްޗެއް ކަމަށާ މެދު ސުވާލު އުފެދޭކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ ފަނޑިޔާރު ފަނޑިރާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އިޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.