ލީގުގެ ފަހު މެޗުން އެންޖާސް އަތުން 2-1 އިން މޮޅުވެ، ލިލް އިން 10 އަހަރަށް ފަހު ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ލީގު ޗެމްޕިއަންކަން ލިލް އިން ހޯދީ 38 މެޗުން ލިބުނު 83 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނަ ހޯދި ޕީއެސްޖީ އަށް ލިބިފައިވަނީ 82 ޕޮއިންޓެވެ. އަދި ތިންވަނަ ހޯދައިގެެން ފްރަންސް ލީގުން ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރުކުރީ މޮނާކޯ އިންނެވެ. މޮނާކޯ އަށް ލިބިފައިވަނީ 78 ޕޮއިންޓެވެ.
މިއީ ލިލް އިން އެޓީމުގެ ތާރީހުގައި ހޯދި ހަތަރުވަނަ ލީގު ތަށްޓެވެ. ލިލް އިން އެންމެފަހުން ލީގު ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ.
އެންޖާސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިލްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިން ކަމަށްވާ ޖޮނަތަން ޑޭވިޑް އާއި ބުރާކް ޔިލްމާޒް އެވެ. އެންޖާސްގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެންޖެލޯ ފުލްގިނީ އެވެ.
ލީގުގެ ދެވަނަ ހޯދި ޕީއެސްޖީން ރޭ ވަނީ ބްރެސްޓްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. ޕީއެސްޖީގެ ދެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެންހެލް ޑިމަރިޔާ އާއި ކިލިއަން އެމްބާޕޭއެވެ.
ޕީއެސްޖީ އަށް މިފަހަރު ލީގު ގެއްލުނުއިރު ފާއިތުވި އަށް ސީޒަނުގެ ތެރެއިން ހަތް ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދީ އެޓީމުންނެވެ.