ރާއްޖޭގެ މާލީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.
އިސްމާޢީލް ފަތުޙީ އަވަހާރަވީ ކޯވިޑު ބަލީގެ އާލާސްކަންފުޅުގައި އިއްޔަ ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 80 އަހަރެވެ.
އިސްމާޢީލް ފަތުޙީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުން ގެންގުޅުއްވި އުޞޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނުވަނީ ކޮށްދެއްވާފައެވެ.
އިންޑިއާގެ ބޮމްބޭ ޔުނިވަރސިޓީއިން ކޮމާސް ޑިގްރީއެއް ހާސިލު ކުރައްވައިގެން، 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޯޑިޓް އޮފީހުގެ އޮޑިޓަރ ކަމުގެ މަޤާމު އެމަނިކުފާނަށް ދެއްވިއެވެ. އަދި އެ ހިސާބުން ފެށިގެން އޯޑިޓުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރެއްވުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އިސްމާޢީލް ފަތުޙީ ފެށްޓެވިއެވެ.
11 ނޮވެމްބަރ 1993 ގައި އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއެވެ. އެދުވަހުން ފެށިގެން އޯޑިޓް އޮފީސް ރާއްޖޭގެ ތަރައްޤީއާ އެއްފެންވަރަށް ގެންނަވައި، ހަރުދަނާ ކުރެއްވުމަށްޓަކައި ތަފާތު މަޝްރޫޢުތައް ހިންގަވައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ކުރައްވާފައިވެއެވެ. އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމަށް 16 ޖެނުއަރީ 2008 ގައި އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއިރު، އެމަނިކުފާނު ހުންނެވީ އޮޑިޓަރ ޖެނެރަލް އަދި މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަޤާމުގައެވެ.
1981 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުމުގައިވެސް އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ވައިސް ގަވަރނަރ ކަމުގެ މަޤާމު އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަތެވެ. ބޭންކްތަކާއި މަނިޓަރީ އޮތޯރިޓީއާ ދެމެދު ހިނގާ މުޢާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓެވުމުގަޔާއި، ޤައުމުގެ ތަރައްޤީއަށް ފަހިވާނެ ގޮތެއްގައި، އެ އޮތޯރިޓީގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވާފައިވެއެވެ.