މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަށް މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲގެ ނުރުހުން އަމާޒުވެއްޖެއެވެ.
މޭ ހަވަނަ ދުވަހުގެ ރޭ ރައިސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު އޭޑީކޭގައި ހުންނަވާ މިނިސްޓަރު އިމްރާން ވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ވެފައި ނުވާކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ، ރައީސް ނަޝީދުގެ ހާލުކޮޅު ގޯސް ނޫންކަމަށް މިނިސްޓަރު އިމްރާން ވިދާޅުވީ ކޮށް މައުލޫމާތަކަށް ބިނާކޮށްތޯ ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެވަގުތު ދައްވާފައިވާ ވާހަކަތަކަކީ އާއިލާއާއި ޑޮކްޓަރުން އެވަގުތަށް ހިއްސާކުރި ވާހަކައެއް ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުންވެސް އެ ބަހަކީ ތެދެއްކަން ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާންގެ ޖަވާބާއި ގުޅިގެން ރިޔާސަތުގައި އިންނަވާ އީވާ ވަނީ އެވާހަކައާމެދު ކަންބޮޑުވުް ފާޅުކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާއެއް ދީގެން އުޅެނު ނާޒުކު ދަނޑިވަޅުގައި އާއިލާގެ މެންބަރަކުވެސް އަދި ޑޮކްޓަރުކުވެސް އެފަދައިން ނުބުނާނެ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ބޮޑުތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށާއި، އެހެންނަމަވެސް އެންމެ ބޭނުންވާ ސްޕީޑުގައި މައްސަލަައިގެ ތަހުގީގު ކުރިއަށްނުދާ ކަމަށެވެ. އެއީ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންނާއި ތަހުގީގުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.