ހުޅުމާލޭގެ އިމާރާތެއްގެ މަތިން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ވެއްޓުނު މީހާ ވެއްޓުމުގައި އެހެން މީހެއްގެ ދައުރެއް އޮތްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައިގައި ފުލުހުން ބުނީ ހުޅުމާލޭގައި އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި މީހާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތްކަމަށް ތަހުގީގަށް އަދި މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށެވެ.
އެގޮތުން ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން، ހާދިސާ ހިނގުމުގެ 10 މިނެޓް ކުރިން ހަ ބުރީގެ އިމާރާތަކަށް އެކަނި ގޮސް ވަންނަ މަންޒަރު ސީސީޓީވީ ފޫޓެޖުން ފެނިފައިވާކަމަށެވެ. ފުލުހުން ބުނެފައިވަނީ އެމީހާ ވެއްޓިފައިވަނި 6 ބުރީގެ އިމާރާތުން 3 ބުރީގެ އިމާރާތެއްގެ ޓެރަސް މައްޗަށް ކަމަށާއި، އަދި އެ އިމާރާތުން އޭނާ ތިރިއަށް ވެއްޓުނީކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ އެމީހާ އެ އިމާރާތަށް ވަނުމުގެ ކުރިން ހުޅުމާލޭގެ މަގުތަކުގައި އަޑުގަދަކޮށް އެކަނި ކޮޅު ކޮޅަށް ދުވެ ހަދާފައިވާކަން ސީސީޓީވީ ފުޓެޖުން ފެންނަކަމަށެވެ.