Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

އަތޮޅުތެރޭގައި ޓެސްޓް ހެދެން ނެތުމަކީ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

އަތޮޅު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ހެދެން ނެތުމަކީ ސަރުކާރުން ހިންގާފައިވާ ޖަރީމާގެ ހެއްކެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ކޮންޓްރޯލެއްނެތި ފެތުރެމުން އަންނައިރު އެކަމާގުޅިގެން ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19ގެ އެންމެ ގޯސް ހާލަތަށް ތައްޔާރުކަމަށްބުނެ ސަރުކާރުން 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އައިސީޔޫގެ އެނދުތައް އިތުރުނުވި ކަމަށާއި، އަދި އަދި އަތޮޅު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ ގޮތެއް ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ހިންގާފައިވާ ޖަރީމާގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަމުގެ އަގު ދައްކަންޖެހެނީ ފުރާނައިން. ބަހަނާ ހުއްޓާލައި ވެކްސިން އަވަސްކުރަން ނުވޭތޯ؟" ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނައިރު ގިނަ ރަށްރަށުން ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްތައް މާލެ ގެންނަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ.