Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މާލެ ސަރަހައްދުގެ ކާފިއު ހަވީރު ހަތަރަކުން ހެނދުނު 8 އަށް

މާލެ ސަރަހައްދުގެ ކާފިއު ހަވީރު ހަތަރަކުން ހެނދުނު 8 އަށް ދިގު ދަންމާލުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި ނިންމުމަށް އަމަލުކުރަން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ކަމަށެވެ. މާލެ ސަރަހައްދުގައި މިހާރު ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކާއި ހަމައަށެވެ.

އަދި މާލެ ސަރަޙައްދުގައި އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދަޔާއެކު ކަމަށްވެސް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން ދެމީހަކަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. ކޮންމެ ފާހެއް ވެސް ދޫކުރަނީ 4 ގަޑިއިރަށެވެ.

އަދި ފާސް ދޫކުރަމުން ގެންދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ދަންފަޅި އަކީ ހެނދުނު 8 އިން މެންދުރު 12 ކަމަށްވާއިރު ދެވަނަ ދަންފަޅި އަކީ މެންދުރު 12 އިން ހަވީރު 4 އަށެވެ. ދެ ދަންފަޅިއަށް ބަހާލައިގެން ފާސް ދޫކުރަނީ މަގުތަކަށް ނުކުމެ އުޅޭ މީހުން މަދުކުރުމުގެ ގޮތުންނެވެ.

ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިރޭގެ 8 އިން ފެށިގެން އެ ފާސް ދޫކުރަން ފަށާއިރު، ހުއްދަ އަށް އެދޭއިރު އެ ގެއެއްގެ ކަރަންޓު މީޓަރު ނަމްބަރާއި އެ މީހެއްގެ ނަމާއި ގޭގެ އެޑްރެސް ޖަހަން ޖެހެއެވެ.

މީގެ އިތުރުން ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އޭގެއިން ހިދުމަތެއް ހޯދައިފިނަމަ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.