އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ މި ދެމީހުން ހައްޔަރު ކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫން ފޭދޫއަށް ދަތުރުކުރި ޓެކްސީއެއްގައި ބަނގުރާ ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މަރަދޫއާ ފޭދޫ ގުޅޭ ހިސާބުން ޓެކްސީ ހުއްޓުވައި ބަލައިފާސްކޮށް މި މަހުގެ 24 ވަނަ ދުވަހުގެ14:25 ހާއިރުއެވެ.
އެގޮތުން ޓެކްސީ ހުއްޓުވާ ބަލާފާސްކުރިއިރު އޭގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 7 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.