Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު ފުވައްމުލައް

ފުވައްމުލަކުން ޕީސީއާރު ޓެސްޓު ހަދަން ފެށޭނީ ޖުލައި މަހު: މަބްރޫކް

ފުވައްމުލަކުގައި ކޮވިޑު ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖެހޭނީ އަންނަ ޖުލައި މަހުގައިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުން ނަގާ ކޮވިޑު ސާމްޕަލްގެ ތެރެއިން ބައެއް ސާމްޕަލް މިވަގުތު ޓެސްޓު ކުރަނީ އައްޑޫއަށް ފޮނުވައިގެންނެވެ. އަދި ބައެއް ސާމްޕަލް މާލެ ފޮނުވައިގެން ޓެސްޓު ކުރާތީ ނަތީޖާ ލިބެން ގިނަ ދުވަސްތަކެއް ނަގައެވެ. މި ސަބަބާއި ހެދި ކޮންޓެކްޓު ޓްރޭސިންއަށް ލަސްތަކެއް ކުރިމަތިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

ފުވައްމުލަކުން ކޮވިޑު ޓެސްޓު ހެދުމާއި ގުޅޭގޮތުން މިއަދު "އައްޑޫލައިވް" އިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ ފުވައްމުލަކުން ކޮވިޑު ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ޓެސްޓު ކުރުމުގެ ހިދްމަތް އަންނަ ޖުލައި މަހު ލިބެން ފަށާނެކަމަށް މަބްރޫކު ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިވަގުތު ކޮވިޑު އެކްޓިވް 254 ކޭސް ހުރި އިރު އަދިވެސް 219 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ. އިއްޔެ އެކަނިވެސް އެރަށުން 115 ސާމްޕަލް ވަނީ ނަގާފައެވެ.

ފުވައްމުލަކުން މިހާތަނަށް 11577 ސާމްޕަލެއް ނަގައި ޓެސްޓުކޮށްފައިވެއެވެ.