Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

ސަރުކާރު އޮފީސްތައް ޖޫން 8 ގެ ނިޔަލަށް ބަންދު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދާ ވެލާނާ ބިލްޑިންގ --

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވެފައިވާތީ ސަރުކާރު އޮފީސްތައް ބަންދުކޮށް މަސައްކަތްތައް އޮންލައިންކޮށް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކޮށްގެން އޮންލައިންކޮށް ހިދުމަތްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މޭ 5 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވަމުން ދާތީ އެ މުއްދަތު އިތުރު ކުރަމުން އަންނައިރު، މިހާރު އެ މުއްދަތުވީ ޖޭން 8 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދިޔުމަށް ވަނީ އަންގާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގައި އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އެޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.