Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ޕެސްޓުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ރާއްޖޭގެ މައްޝޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)--

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރާއްޖޭގެ މައްޝޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.

ޕެސްޓުގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕެސްޓު ފުލުހުންގެ ބެލުމުގެ ދަށައް ގެންދެވިފައިވަނީ މިއަހަރު ފެބްރުއަރީ މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެއެވެ. އިތުރު 3 މީހަކާއި އެކު ޕެސްޓު ހައްޔަރު ކުރިއިރު އެމީހުން އަތުން 2.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި މިއަދި ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ލިޔެކިޔުންތައް ލިބުނުތޯ ސާފުކުރި އިރު، ޕެސްޓަށް މައްސަލައިގެ ލިޔެކިޔުންތައް ލިބިފައި ނުވާތީ އިބްތިދާއީ އަޑުއެހުން ވަނީ ނިންމާލާފައެވެ. އަދި ބަންދު ރިވިއު ކުރުމުގެ އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕެސްޓްގެ ބަންދު ރިވިއު ކޮށްފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޮށްފައިވާ އަމުރު ރިވިއު ކުރުމުގެ ގޮތުންނެވެ.

ބަންދު ރިވިއު ކުރުމުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ޕެސްޓްގެ ވަކީލުން ވިދާޅުވެފައިވަނީ ހެކިތަކާ ޕެސްޓްއާ ގުޅުވާނެ ވަރެއް ނުވާނެކަމަށާއި، މި މައްސަލައިގެ ސަބަބުން ޕެސްޓުގެ އަބުރަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށެވެ. އަދި އޭނާއަކީ ތަފާޓު ހުނަރެއް ބޭނުންކުރާ މުޖުތަމައުއަށް ބޭނުންތެރި މީހެއް ކަމަށެވެ.

އެހެންނަމަވެސް ދައުލަތުން ބުނެފައިވަނީ ޕެސްޓުއާ ގުޅުވޭ ސީސީޓީވީ ފުޓެޖްވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ވީޑިއޯ އެނެލެސިސް ރިޕޯޓް ތައްޔާރު ނުކުރެވޭތި އަދި އެ ތަކެތި ހުށަހަޅާފައިނުވެއެވެ.

ބަންދާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލާގައި ހިމެނޭ ބައެއް ހެކިތައް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފައިވާތީ މި ހާލަތަކީ ބަންދު ދޫކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރާކަމަށެވެ.