އައްޑުސިޓީގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވޭތީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ އައްޑޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވިފައިވާތީ އެހޮސްޕިޓަލުގެ ދަށުން ހިންގަމުން އަންނަ ސިއްހީ މަރުކަޒުތަކުން ދެމުންދާ ހިދުމަތްތައް ރައްޔިތުންނަށް ދިނުމުގައި 26 މެއި 2021 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މަރަދޫ ސިއްހީ މަރުކަޒު ބޭނުންކުރާނީ ހަމައެކަނި ފްލޫ ކްލިނިކުގެ ގޮތުގައި ކަމަށާއި، ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން ރޯގާ ނުވަތަ އެނޫންވެސް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ބޭފުޅުން ވަޑައިގަންނަވަންވާނީ މަރަދޫ ސިއްހީ މަރުކަޒަށް ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފޭދޫ ސިއްހީ މަރުކަޒަށް ވަޑައިގަންނަވާނީ ފްލޫ ނޫން އެހެނިހެން ބަލިތަކަށް ފަރުވާ ހޯއްދަވާ ބޭފުޅުންކަމަށާއި، މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން އަދި ކުޑަކުދިންނަށް ދެވޭ ވެކްސިން ދިނުން ކުރިއަށްދާނީ މަރަދޫފޭދޫ ސަދަން ޗައިލްޑް ޑިވޮލޮޕްމަންޓު ސެންޓަރުގައި ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން އަދި ކުޑަކުދިންނަށް ދެވޭ ވެކްސިން ދިނުން ކުރިއަށްދާނީ ފޭދޫ ސިއްހީ މަރުކަޒުގައި ކަމަށްވެސް ބުނެފައިވެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ބަދަލު ކުރެވިފައި ވިޔަސް ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުގައި ކަމަށެވެ. އަދި ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އެރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ނަމްބަރުތަކަށް (6892021، 6890608) ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށެވެ.