Last Updated: May 9, 15:00
Thursday, May 9, 2024
ޚަބަރު

ފެނާއި ކަރަންޓު ބިލު ކުޑަކޮށްދޭން ނިންމައިފި

ފެނާއި ކަރަންޓު ބިލު ކުޑަކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ މަހުން ފެށިގެން ގޭބީސީތަކުގެ ފެން ބިލުން 30 ޕަސެންޓް ޑިސްކައުންޓް އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެންބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ގޭބެސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް، ވިޔަފާރިތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޑިސްކައުންޓްތައް އަދި ދޭން ނިންމާފައިވަނީ އަންނަ މަހު އެކަނި ކަމަށްވީ ނަމަވެސް ހާލަތަށް ބަލައި އެކަމަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ފެން ބިލްތަކުން 30 ޕަސެންޓް އަދި ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައެވެ.

މީގެ އިތުރުން ކޮވިޑް 19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޮވިޑްގެ ރިލީފް ލޯނުގެ ދޫކުރަން ފެށުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ލި ލޯނުތައް ދޫކުރާނީ ކުދި ވިޔަފާރިތަކާއި، ކެފޭ ރެސްޓޯރެންޓްތަކަށް އަމާޒުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިދިޔަ އަހަރެކޭ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.