ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ކޯޓުތަކުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އަންގަވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިރުޝާދު" އާ އެއްގޮތަށް ހުރިހާ ކޯޓަކުންވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންގަވާކަމަށެވެ.
ސްޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފަިއވަނި ރަށެއް ނުވަތަ ސަރަހެއްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ޙާލަތްތަކުގައިވެސް، އެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކާއި ޝަރީއަތުގެ މަޖިލީސްތަކާއި ކައިވެނީގެ މަޖިލީސްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ދަންނަވާކަމަށެވެ.
އަދި ކޯޓަށް ހާޒިރުވެގެން ޚިދުމަތްތައް ފޯރުކޮށްދެވޭ ފަދަ ޙާލަތުގައިވާ ސަރަޙައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަޙައްދެއްގެ ޙާލަތާގުޅޭގޮތުން އެވަގުތަކު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ކޯޓަށް ހާޒިރުވެގެން ޚިދުމަތް ލިބިދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި އަދި މައްސަލައިގެ ކޮންމެހެން ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައްވެސް އެގޮތުގެ މަތީން ކުރިއަށް ގެންދެވުމަށް، ސްޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި އުއްތަމަ ފަނޑިޔާރު އަންގަވާފައިވެއެވެ.