ރިއާސީ އިންތުހާބް ޕީޕީއެމް ކޯލިޝަނުން ކާމިޔާބް ކުރުމާއި ގުޅިގެން އުފާ ފާޅުކުރުމަށް ވެހިކަލް ބުރެއް މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމް ކޯލިޝަންގެ ތެރޭ ހިމެނޭ ޖުމްހުރީ ޕާޓީ (ޖޭޕީ)އިން ބުނެފި އެވެ.
ޖޭޕީގެ އައްޑޫގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުސެއިން ސޯލިހް މިރޭ ވިދާޅުވީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް އިންތިހާބް ކާމިޔާބް ކުރެއްވުމާ ގުޅިގެން އެކަން ފާހަނގަ ކުރުމުގެ ގޮތުން ޕީޕީއެމް އާއި ޖޭޕީ އަދާލަތު ޕާޓީ އާއި އަދި ކޯލިޝަންގައި ހިމެނޭ އެހެނިހެން ޕާޓީ ގުޅިގެން ބާއްވާ ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ލިންކު ރޯޑުގެ ޖޭޕީ ޖަގަހަ ކުރިމަތިން ކަމަށެވެ.
ހުސެއިން ސޯލިހް ވިދާޅުވީ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 3:45 ގައި ކަމަށެވެ. އަދި ބުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ ވެސް ބުރު ފެށި ހިސާބަށް ކަމަށެވެ.
ރިއާސީ އިންތިހާބް ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ކާމިޔާބް ކުރީ އައްޑޫން ފުރަތަމަ ބުރުގެ ނަތީޖާއަށް ވުރެ 3،686 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.
މި ނަތީޖާ ޔާމީނަށް ހޯއްދަވައި ދިނުމުގައި ޖޭޕީ ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.