Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ރަށްތަކުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވުމަކީ ކަންބޮޑުވުމެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް--

ރަށްރަށުން ނަގާ ކޮވިޑް ސާމްޕަލް ތަކުގެ ނަތީޖާ ލިބުން ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ހާލަތާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ވަރަށް ގިނަ ރައްޔިތުން ދުނިޔެ ދޫކޮށް ދާކަމަށާއި ރައްޔިތުންނަށް މިކަން މި ފާހަގަކުރެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ގޮތުގައިކަމަށެވެ. އަދި މިމައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ 22 ދުވަހެއްގެ ތެރޭގައި 50 މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށާއި، ފެސިލިޓީތަކުގައި ކަންތައްތަކެއް ހައްލު ކުރަން އެބަހުރިކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލީޓީގައި އެކަށިގެންވާ އިންސާނީ ވަސީލަތް ނެތްކަން އެބަ އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އާދައިގެ ބޭސްވެސް ނުލިބިގެން ބައެއް މީހުން ޝަކުވާކުރާކަމަށެވެ. އަދި މިއީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ސަރުކާރުން އެކަންކަން އިންތިޒާމް ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ކޮންޓްރޯލް ގެއްލިފައިވާކަން ބައެއް ޑޮކްޓަރުން ބުނެފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ފެންނަނީ ކޮވިޑް މެނޭޖް ކުރުމަށް ފައިލްވެފައިވާ މަންޒަރުކަމަށެވެ. މިއީ މެނޭޖް ކުރުމުގެ މައްސަލައެއް ކަމަށާއި، ސިޔާސީ ކުފޫހަމަނުވާ ފަރާތްތަކުގެ އަތުން މެނޭޖް ކުރުމުގެ ބާރު ނަންގަވާ ދިފާއީ ބާރަށް އެކަންކަން ހަވާލު ކުރިނަމަވެސް މިޔަށްވުރެއް ރަނގަޅަށް މެނޭޖް ކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިފަރު މޮނިޓަރިންގައި އޮންނަތާ ދެމަސް ވެފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން އިގްތިސާދީ ހަރަކާތް ހުއްޓި އިޖްތިމާއީ ގިނަ މައްސަލަތަކެއް ރަށުގައި ނިކުންނަމުން އަންނަކަމަށެވެ.

ޝިޔާމް ވިދާޅުވީ އަތޮޅު ތެރެއިން ނަގާ ޓެސްޓް ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވުމަކީ އިތުރަށް ރަށްރަށުގައި ބަލި ފެތުރުމަށް ދިމާވާ ސަބަބެއް ކަމަށެވެ. ސާމްޕަލް ނަގައިގެން އެ ސަރަހައްދުން ޓެސްޓް ނުކުރެވި ނަތީޖާ ލިބެން ގިނަ ދުވަސް ނެގުމަކީ މައްސަލައެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މި މައްސަލަތައް ހައްލު ކުރުމަށް ހެލްތް މިނިސްޓްރީ އަދި ސަރުކާރު ނުކުޅެދިފައިވާކަމަށް ވިދާޅުވިއެވެ.